ދިވެހިރާއްޖޭގެ އެޑިއުކޭޝަން ޓެކްނޮލޮޖީ ޕްލެޓްފޯމެއް ކަމަށްވާ "ސިލަބައި" އިން، އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްސަކޮށް 'ސިލަބައި އެގްޒާމް ޕްރެޕް' ގެ ނަމުގައި ޑިޖިޓަލް ޕްރެކްޓިސް ޕްލެޓްފޯމެއް ސޮފްޓް ލޯންޗްކޮށްފިއެވެ. ރާއްޖޭގެ ޤައުމީ މަންހަޖަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ މި ޕްލެޓްފޯމަކީ، ދަރިވަރުންނަށް ފަސޭހައިން ނޯޓްސް ކިޔުމާއި، ސުވާލުތައް ފަރިތަކުރުމުގެ އިތުރުން ޖަވާބުތަކުގެ ތަފުސީލީ ބަޔާންތައް ބަލާލެވޭ ގޮތަށް އުފައްދާފައިވާ ވަސީލަތެކެވެ. 'ގޭމިފައިޑް ލާރނިންގް' ތަޖުރިބާއެއް ލިބޭ ގޮތަށް ބިނާކޮށްފައިވާ މި ޕްލެޓްފޯމުން، ފޯނާއި، ޓެބްލެޓް އަދި ލެޕްޓޮޕުން ބޭނުންކުރެވޭއިރު، ފުރަތަމަ ފިޔަވަހީގައި އިސްލާމް މާއްދާއަށް އިސްކަންދީފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މާއްދާތައް ތަޢާރަފުކުރުމަށް ހަމަޖެހިފައިވާކަމަށް ސިލަބައި އެޅުން މަޢުލޫމާތު ދެއްވައެވެ.

​މި ޕްލެޓްފޯމް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މުޅިން ހިލޭ ބޭނުންކުރެވޭނެއެވެ. އަދި އެ މުއްދަތަށްފަހުވެސް ޕްލެޓްފޯމުގެ ގިނަ ފީޗާރޒްތަކެއް ދަރިވަރުންނަށް ހިލޭ ލިބެން ހުންނާނެ ކަމަށް އެ ފަރާތުން މައުލޫމާތުދެއްވައެވެ.

މިހާރުވެސް ރާއްޖޭގެ 50 އަށްވުރެ ގިނަ ސްކޫލުގެ ދަރިވަރުން އަންނަނީ މި ޕްލެޓްފޯމް ބޭނުންކުރަމުންނެވެ. މީގެއިތުރުން، ޕްލެޓްފޯމުގައި ހިމެނޭ ކުއިޒްތައް ފުރިހަމަކޮށްގެން ލިބޭ ޕޮއިންޓުން ލީޑަބޯޑުގައި ވާދަކުރުމުގެ ފުރުޞަރު ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ތަޖުރިބާކާރު ޓީޗަރުންގެ އެހީތެރިކަމާއެކު ދިވެހި ދަރިވަރުންގެ ބޭނުންތަކަށް އެންމެ އެކަށޭނަ ގޮތަށް ފަރުމާކުރެވިފައިވާ މި ޕްލެޓްފޯމް syllabi.mv/examprep މެދުވެރިކޮށް ދަރިވަރުންނަށް މިހާރު ބޭނުންކުރެވޭނެއެވެ.

​މި ޕްލެޓްފޯމަކީ 2018 ވަނަ އަހަރު، ސީއެޗްއެސްއީގެ ދަރިވަރެއްގެ ގޮތުގައި ތަޢުލީމު ހާސިލު ކުރަމުންދިޔަ، ސިލަބައިގެ ބާނީ ޖުމައިލް އާއި އޭނާގެ ރަޙުމަތްތެރިންތަކެއް ގުޅިގެން އޭލެވެލް އިސްލާމް މާއްދާއަށް ހެދި މޮބައިލް އެޕްލިކޭޝަނެކެވެ. އެއަށްފަހު، ސިލަބައި ރަސްމީކޮށް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވުނީ 2022 ވަނަ އަހަރުއެވެ. ސިލަބައިގެ ބާނީ ޖުމައިލް ވިދާޅުވީ، ދަރިވަރުންގެ އަޑު އަހައިގެން މުސްތަޤުބަލުގެ ޖީލުތަކަށްވެސް ފައިދާކުރާނެ ފަދަ ވަސީލަތެއްގެ ގޮތުގައި ސިލަބައި އެޕް ބިނާކުރުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.