މުޖުތަމަޢު ގޯސްވުމުން އެވާހަކަ ދައްކަނީ އަޅުގަނޑުމެން ކަމަށާއި، ނަމަވެސް އެކަންކަން ޙައްލުކުރަން އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައްމީހުންތޯ މިއަދުގެ ޚުޠުބާގައި ސުވާލުކުރައްވައިފިއެވެ.

"މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ" މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި ދެވުނު ޚުޠުބާގައި މުޖުތަމަޢުގައި ފެތުރިފައިވާ ގޯސް ކަންތައްތަކަކަށް އަލިއަޅުވާލެވިފައިވެއެވެ. މިގޮތުން މައިންބަފައިންނަށް އުރެދި ނުކިޔަމަންތެރިވުމާއި އެބައިމީހުން މުސްކުޅިވާދުވަހު އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށް ނުދިނުން ހިމެނެއެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތް ﷲ އިންސާނާއަށް ވަޞިއްޔަތް ކުރައްވާފައިވާ ކަމެއް ކަމަށާއި، ވަޞިއްޔަތް ކުރައްވާފައިވަނީ އެ ކަމުގެ މަތިވެރިކަމުންކަން ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ކީރިތި ޤުރުއާނުގެ އެތައް މަޤާމެއްގައި މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައިފައިވާކަން ހަނދާންކޮށްދެމުން ޚުޠުބާގައި ބުނެފައިވަނީ މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތް ލައްވާނޭ ކަމެއްކަމަށެވެ.

"މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތް ލައްވާނޭ ކަމެކެވެ. އެއީ ބާއްޖަވެރިކަމުގެ ތަޅުދަނޑިއެކެވެ. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެއެވެ. މައިންފަބައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެކެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މައިންބަފައިން ނިކަމެތިކޮށް، އެ މީހުން ހިތުގައި ޖައްސާ އުޅުމުގެ ނުބައިކަމާގުޅޭގޮތުންވެސް އަލިއަޅުވާލައްވައި، އެކަންތައްތަކުން ދުރުވެ މައިންބަފައިންނަށް އޯގާތެރިވުމަށް، މިއަދުގެ ޚުޠުބާގައި ނަޞޭޙަތްތެރިވެފައިވެއެވެ.

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންތައްތަކުގެ ތެރޭގައި މިސްކިތުގެ ޙުރުމަތްކެނޑުން ހިމެނޭކަން ފާހަގަކުރައްވަމުން ޚުޠުބާގައި ވިދާޅުވެފައިވަނީ، ބައެއް މީހުން ނަމާދުން ނިމި، މިސްކިތުންފައިބައި، މިސްކިތު ދޮރޯށިކައިރީގައި ތިބެ، ޣީބަ ބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިޔާ، ޖަދަލުކޮށް، ހަޑިހުތުރު އެއްޗެތި ގޮވާ ޒުވާބުކޮށް މީސްތަކުންގެ އަބުރާބެހި ދޮގު ވާހަކަތައް ފެތުރުންފަދަ ކަންތައްތައް ކުރަމުންދާ ކަމުގައެވެ. މިގޮތަށް ކަންތައްތައް ކުރަމުންދާ ފަރާތްތަކުން އެކަންތައް ހުއްޓާލައި، ޙައްޤުގެ މަގަށް އެނބުރި ރުޖާޢަވުމަށް ގޮވާލައްވާފައިވެއެވެ.

ވިޔަފާރީގައި މަކަރު ހެދުމާއި، މުދަލު ޒަކާތް ނުދައްކައި މުދާ ޚަޒާނާކުރުމާއި، ނަމާދު ވަޤުތު ޖެހުމުންވެސް ނަމާދަށް ނުގޮސް ކުޅިވަރު ކުޅޭން ޒުވާނުންނާއި ދަރިވަރުން ތިބޭކަން ފާހަގަކުރައްވާފައިވެއެވެ. އަދި ޙަރާންގޮތުގައި މުދާ ހޯދާ، ކައިބޮއެ، އަނބިދަރީންނަށް ކާންބޯންދީ ހަދާކަން ޚުޠުބާގައި ފާހަގަކުރައްވައި އެކަމުގައި ހުރި ބިރުވެރިކަން ބަޔާންކޮށްދެއްވާފައިވެއެވެ. ހަމައެއާއެކު ބަންގީގެ އަޑު އިވުމުން ދުނިޔޭގެ މާއްދިއްޔަތަށް ހެއްލި، ފިހާރަތަކާއި، ހޮޓާތައް ހުޅުވައިގެން ޚިދުމަތްދޭން ތިބޭ ތިބުމާއި، މުޖުތަމަޢުގެ އިސްލާމީ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ފޭރާން އަޅައިގެން އުޅުމާއި، ނިވާކަން ކުޑަ ފޮޓޯތަކާއި، އިޝްތިހާރުތަކާއި ޞޫރަތައް އަޅުގަނޑުމެން އަމިއްލައަށް ހަރުކޮށް ފަތުރާކަން ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އަދި މިކަންކަމަކީ އަޅުގަނޑުމެން އަމިއްލައަށް އިޞްލާޙު ކުރެވިދާނެ ކަންކަން ކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

މުޖުތަމަޢުތައް ފަސާދަވެދަނީ ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާނެތި، ބޮޑާވެ، މުންކަރާތްތަކާއި ފާޙިޝްކަންތައްތައް ގިނަވުމުންކަން ހަނދާންކޮށްދެއްވައި، މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކުރުމަކީ މުޖުތަމަޢުގެ އެންމެހާ އަފުރާދުންގެ މައްޗަށް އޮތް ވާޖިބެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

މިއަދުގެ ޚުޠުބާ ނިންމާލައްވާފައިވަނީ، ކުޑަކުދީންގެ ހިޔާތަކުގައި ދިރިއުޅެމުންދާ ކުދީންގެ ޙާލުބަލައި އެތަނަށް ޒިޔާރަތްކޮށް، އެ ކުދީންނަށާ އަދި މުޖުތަމަޢުގައި ބަލި ޙާލުގައި އުޅޭ ލޭ އަޅާ ކުދީންނަށް އެހީތެރިވުމަށް ގޮވާލައްވަމުންނެވެ.