ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ "ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމުގެ ތެރެއިން މި ހަފްތާގައި ޚާއްޞަ ޙަރަކާތްތަކެއް ކުރިއަށްދާކަން އެ ޖަމްޢިއްޔާއިން ހާމަކޮށްފިއެވެ. މި ޙަރަކާތްތައް ކުރިއަށްދަނީ އދ. ހަންޏާމީދޫގެ އިތުރުން ރ. އުނގޫފާރާއި ހުޅުދުއްފާރުގައެވެ.

މި ޕްރޮގްރާމަށް އެ ޖަމްްޢިއްޔާގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމްއާއި، ދަޢުވާ މެނޭޖަރ އެޓޯލް ޑިވިޝަން އަދި ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިޚް މުޖުތަބާ ޙަމީދު ވަނީ ހަންޏާމީދޫއަށް ވަޑައިގެންފައެވެ. އަދި އެ ޖަމްޢިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލް އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވަނީ އުނގޫފާރަށް ވަޑައިގެންފަ އެވެ. އަދި މާދަމާ ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައިވެސް ޙަރަކާތްތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ ފެށުނު މި ޙަރަކާތްތަކުގެ ތެރެއިން، 1447ވަނަ އަހަރުގެ ރަމަޟާންމަހު ހަންޏާމީދޫގައި ބޭއްވި "18ވަނަ ރަމަޟާން ޤުރުއާން މުބާރާތް" ނަތީޖާ ފާޅުކުރުމަށް ރޭ އެރަށު ސުކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ. މީގެ އިތުރުން، އުނގޫފާރު މަސްޖިދުއް ދުކްތޫރު އަފްރާޝީމް ޢަލީ މިސްކިތުގައި "ނަބިއްޔާގެ ވަޞިއްޔަތް" މި މައުޟޫޢަށް އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ދަރުހެއް ދެއްވާފައިވާއިރު، ހަންޏާމީދޫގައި އައްޝައިޚް މުޖުތަބާ ޙަމީދުވެސް ވަނީ މިސްކިތު ދަރުހެއް ދެއްވާފަ އެވެ.

މިއަދުގެ ޙަރަކާތްތަކަށް ބަލާއިރު، އުނގޫފާރު މަސްޖިދުއް ދުކްތޫރު އަފްރާޝީމް ޢަލީ މިސްކިތުގައި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އިމާމުވެ ހުކުރުނަމާދު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހުކުރު ޚުޠުބާ ދާރިސް ޓީވީން ވަޤުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަންޏާމީދޫގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ.

މިއަދު ހަވީރު ހަންޏާމީދޫގައި، އެރަށުގެ އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން އައްޝައިޚް އަޙްމަދު ސަމީރު އިބްރާހިމްއާ އެކު "އިސްރަށްވެހިންގެ ސައްލާ" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭ ހަންޏާމީދޫ ސުކޫލުގައި "އެސްފީނާ"ގެ ނަމުގައި ޚާއްޞަ ފޯރަމް އެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު، މި ފޯރަމް ދާރިސް ޓީވީން ވަޤުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ، މީގެ އިތުރުން މިރޭ 8:30 ގައި ހުޅުދުއްފާރުގައި އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ބޮޑު ދަރުހެއް އޮންނާނެއެވެ. މިއީ "ކުއްލި މަރު" މި މައުޟޫޢަށް ބޭއްވޭ ދަރުހެކެވެ.

މި ހަފްތާގެ ޕްރޮގްރާމްތައް ކުރިއަށްދަނީ އދ. ހަންޏާމީދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން، ރ. އުނގޫފާރު ކައުންސިލާއި، ހުޅުދުއްފާރުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ "ލެންޓާރން" ޖަމްޢިއްޔާއާ ގުޅިގެންނެވެ.

"ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމަކީ އަތޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ، ރަށްރަށުގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ދަރުސްތަކުގެ އިތުރުން، ތަރުބަވީ ވޯކްޝޮޕްތަކާއި، ކޭމްޕުތަކާއި ފޯރަމްތައް ކައުންސިލްތަކާއި ޖަމްޢިއްޔާތަކާ ގުޅިގެން ކުރިއަށްގެންދެވެއެވެ.