މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ މައި އޮފީހުގެ 5 ވަނަ ފަންގިފިލާގައި ފުރިހަމަ ވަސީލަތްތަކާއެކު ތަރައްޤީކުރި އާ އޮޑިޓޯރިއަމް ހުޅުވައިފިއެވެ.
މިކަމަށްޓަކައި އިއްޔެ ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އޮޑިޓޯރިއަމް ހުޅުވައިދެއްވީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމްއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މައި އޮފީހުގައި އިއްޔެ ހެނދުނު ބޭއްވުނު .މި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއާ، ކުންފުނީގެ ބޯޑު މެންބަރުންގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޮޑިޓޯރިއަމް ހުޅުވުމުގެ މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ވަނީ ޙާޟިރީންނާ މުޚާޠިބުކޮށް ވާހަކަފުޅު ދައްކަވާ ދަރުހެއް ދެއްވާފަ އެވެ.. ޝައިޚުގެ ވާހަކަފުޅުގައި މައިގަނޑުގޮތެއްގައި އަލިއަޅުއްވާލެއްވީ، އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ޢިމްވެރީންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އަޅުގަނޑުމެން ކުރާ ޢަމަލުތަކުގައި ހިތް ނިޔަތް ރަނގަޅުކުރުމަށާއި، ކުރާ ޢަމަލުތަކުގައި ތެދުވެރިވެ އިޚުލާޞްތެރިވުމުގެ މައްޗަށެވެ.
މީގެ އިތުރުން، މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ތެރެއިން ޝަރުޠުހަމަވާ މުވައްޒަފަކަށް ދޭ ޚާއްޞަ ޙައްޖު ދަތުރުގެ ހަދިޔާ ލިބޭ ފަރާތް ވަނީ ގުރުއަތުން ހޮވައިފައެވެ. މިއީ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން، އިސްލާމްދީނުގެ އެންމެ މުހިންމު އެއް އަޅުކަން އަދާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ ކުންފުނިން ފޯރުކޮށްދީފައިވާ ޚާއްޞަ ހަދިޔާއެކެވެ.
އޮޑިޓޯރިއަމް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 400 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ މި ތަނަވަސް އޮޑިޓޯރިއަމްގެ އެންމެ ޚާއްޞަ ކަމަކީ، މިއީ އެ ކުންފުނީގެ މުވައްޒަފުންގެ އަމިއްލަ މަސައްކަތަށްވުން ކަމުގައެވެ. އަދި މި ތަނުގައި ކޮށްފައިވާ މަސައްކަތުން އެނގި ކަށަވަރުވެގެންދިޔައީ އެމް.ޑަބްލިޔު.އެސް.ސީގެ މުވައްޒަފުންގެ ހުނަރުވެރިކަމާއި، ހީވާގިކަން އަދި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


އަދި އެމަނިކުފާނާމެދު ބެހެއްޓެވި ގާތްކަމާއި ކުރެއްވި އިޙްތިރާމަށްޓަކައި އެ ކުންފުނީގެ އެމްޑީ ޙުސައިން ފަހުމީއަށާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރަށް ޝައިޚް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރުން، ޝައުޤުވެރިކަމާއެކު ދަރުސް އަޑުއެއްސެވި ކަމަށްޓަކައި ކުންފުނީގެ އެންމެހައި މުވައްޒަފުންނަށްވެސް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.
