ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް ކޮންޓްރޯލް ކުރުމުގެ މަޤްސަދުގައި، ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ގެނައި ފުރަތަމަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ތަޞްދީޤު ކުރެއްވި މި ބިލަކީ، މި ހިނގާ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރި ބިލެކެވެ.
އަލަށް ގެނެވުނު މި ބަދަލާއެކު، ރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމުގެ ހުރިހާ މުޢާމަލާތެއްވެސް ދެން ކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކަނޑައަޅާފައިވާ ރޭޓުތަކުގެ ތެރޭގައެވެ. އަދި މިފަދަ ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިތައް ކުރެވޭނީވެސް ހަމައެކަނި އެ އޮތޯރިޓީން ދޫކުރާ ޚާއްސަ ލައިސަންސެއް ލިބިގެން ކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މި ޤާނޫނުން ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ކެޓަގަރީ 'އޭ' ގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވާއިރު، ކުރިން އޮތް ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލު ވަނީ އުވާލާފައެވެ. ހަމައެއާއެކު، ކެޓަގަރީ 'ބީ' ގެ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ މަހުގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރުމަށް ވަނީ ލާޒިމުކޮށްފައެވެ.
ފަތުރުވެރިކަން ފިޔަވައި އެހެނިހެން ވިޔަފާރިތަކަށް ބަލާއިރު، ބޭރު ފައިސާ މާރުކުރަންޖެހޭ އާމްދަނީގެ މިންވަރު ވަނީ 15 މިލިއަން ޑޮލަރުން 25 މިލިއަން ޑޮލަރަށް މަތިކޮށްފައެވެ. އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ ގިނައިން އާމްދަނީ ލިބޭނަމަ، އެ ވިޔަފާރިއަކުން މަހުގެ ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭންކު މެދުވެރިކޮށް މާރުކުރަން ޖެހޭނެއެވެ. ނަމަވެސް، ސައްތައިން ސައްތަ ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކުން މާރުކުރަން ޖެހެނީ އާމްދަނީގެ 7 އިންސައްތައެވެ. އަދި މި ފައިސާ ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމް.އެމް.އޭ އިން ހުއްދަ ދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެއެވެ.
މި ޤާނޫނާ ޚިލާފުވުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެމް.އެމް.އޭ އިން ކަނޑައަޅާފައިވާ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކައިފިނަމަ ނުވަތަ ވިއްކަން އުޅެފިނަމަ އަދި އެކަމަށް އިޝްތިހާރުކޮށްފިނަމަ، އާންމު ފަރުދެއްނަމަ 25,000 ރުފިޔާއިން ފެށިގެން 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ކުންފުންޏެއް ނުވަތަ ޤާނޫނީ ޝަޚުސެއްނަމަ އެ ޖޫރިމަނާ 100،000 ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ހަމައަށް އަރައެވެ. މި އިޞްލާޙަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
