އަޅުގަނޑުމެންގެ އިސްލާމީ މުޖުތަމަޢުތަކުގައިވެސް އަޅުގަނޑުމެން މިއަދު ދިރިއުޅެމުންދަނީ ދުނިޔަވީ ޙަޔާތް ބައްކުރުމަށްޓަކައި، އެކަކު އަނެކަކަށް ވާދަކުރުމުގައި ކަމަށް، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ. ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރީންގެ މަޖިލީހުގެ ވަކީލް އަދި މެންބަރު، އައްޝައިޚު ޢަބްދުއްސަލާމް ދާވޫދު މިފަދައިން ވިދާޅުވީ، ރޭ ހުޅުދުއްފާރުގައި ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުދުއްފާރު ސުކޫލުގައި ރޭ، 8:30ގައި ބޭއްވި މި ދަރުހަކީ ޢާންމުންނަށް ހުޅުވާލައިގެން ބޭއްވި ދަރުހެކެވެ. "ކުއްލި މަރު" މައުޟޫޢަށް ދެއްވި މި ދަރުހަށް ހުޅުދުއްފާރުގެ ވަރަށްގިނަ ރައްޔިތުން ޙާޟިރުވިއެވެ. ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ އަޅުގަނޑުމެންނަކީ އުފަންވީއްސުރެ މުސްލިމުންކަމަށާއި، ނަމަވެސް އަޅުގަނޑުމެން މި އިސްލާމީ މުޖުތަމަޢުގައިވެސް ދިރިއުޅެމުން މިދަނީ ދުނިޔަވީ ޙަޔާތް ބައްކުރުމުގައި ކަމުގައެވެ.

"އަޅުގަނޑުމެންގެ ވަށައިގެން ދިރިއުޅެމުންމިދާ، ޚުދު އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުން، ދުނިޔެއަށް އުފަންވީއްސުރެ. الحمد لله. އެކަމަކު ބައްލަވާ އަޅުގަނޑުމެންގެ މި އިސްލާމީ މުޖުތަމަޢުތަކުގައިވެސް އަޅުގަނޑުމެން ދިރިއުޅެމުންދަނީ ދުނިޔަވީ ޙަޔާތް ބައްކުރުމަށްޓަކައި އެކަކު އަނެކަކަށް ވާދަކުރުމުގައި ނޫންތޯ! އަޅުގަނޑުމެން އެކަކު އަނެކަކަށް މޫނު ކަނޑާލަނީ މި ދުނިޔަވީ ޙަޔާތުގެ މަޤްޞަދުތަކަށްޓަކައި ނޫންތޯ! ދުނިޔޭގައި އެކަކަށްވުރެ އަނެކަކު މޮޅު ހޯދުމަށްޓަކައި ބައެއްފަހަރު ދެބެއިން ނުވަތަ ދަރީން ނުވަތަ މަންމައާ ބައްޕައާވެސް އަޅުގަނޑުމެންގެ ތެރޭގައި ގުޅުން ކަނޑާލާ މީސްމީހުން ދުނިޔަވީ ޙަޔާތުގެ ދަހިވެތިކަމުގައި ދުނިޔަވީ ޙަޔާތުގެ ބޭނުމުގައި." އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު ވިދާޅުވިއެވެ.

އަޅުގަނޑުމެން ފަޤީރުވެދާނެތީ ބިރުން އުޅުނުކަމުގައިވިޔަސް، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަޅުގަނޑުމެންނާ މެދު ބިރުފުޅުވަޑައިގެންނެވީ އަޅުގަނޑުމެން ފަޤީރުވެދާނެތީ ނޫންކަމާ، އެހެނެއްކަމަކު، އަޅުގަނޑުމެންގެ ކުރީގެ އުއްމަތްތައްފަދައިން ދުނިޔެ އަޅުގަނޑުމެންނަށްވެސް ހުޅުވާލެވިދާނެތީކަމަށް ޝައިޚު ވިދާޅުވިއެވެ.

"ތިމަންކަލޭގެފާނު ބިރުފުޅުގެންވަޑައެން ނުގަންނަވަމޭ ތިމަންކަލޭގެފާނުގެ އުއްމަތާ މެދުގައި ފަޤީރުކަމުގެ އަހުލުވެރިން ކަމުގައި ވެދާނެތީއެއް. އެހެންނަމަވެސް ތިމަންކަލޭގެފާނު ބިރުފުޅުވަޑައިގަންނަވަނީ ކުރީގެ އުއްމަތްތަކުގެ މީސްތަކުންނަށް ދުނިޔެ ހުޅުވާލެވުނު ފަދައިން ތިޔަބައިމީހުންނަށްވެސް ދުނިޔެ ހުޅުވާލެވިދާނެތީއެވެ. އެއަށްފަހު އެބައިމީހުން އެދުނިޔޭގެ ދަހިވެތިކަމުގައިޖެހި މަގުގެއްލިގެން ދިޔަ ފަދައިން ތިޔަބައިމީހުންވެސް އެފަދައިން މަގުގެއްލިގެން ހިނގައިދާނެތީއެވެ."

އަސަރުން ފުރިގެންވާ އެތައް ޙާދިސާތަކަކާއި ފިލާވަޅުތަކުން ދެއްވި މިދަރުހުގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ތަފާތު ޙާދިސާތަކާއި އެކަލޭގެފާނު ދެއްވާފައިވާ ނަޞޭޙަތުގެ ބަސްފުޅުތަކުން ފުރިގެންވާ މި ދަރުސް ބޭއްވިފައިވަނީ ހުޅުދުއްފާރު މަތާރަން މާލަމުގައެވެ.

"ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމްގައި، ހުޅުދުއްފާރުގެ އިތުރުން، އުނގޫފާރުގައިވެސް އައްޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުސްތައް ބޭއްވިފައިވެއެވެ. ހުޅުދުއްފާރުގައި މި ޕްރޮގްރާމް ކުރިއަށްގެންދެވިފައިވަނީ ލެންޓަރން ޖަމްޢިއްޔާއާއި އެ ރަށު ކައުންސިލާއި ގުޅިގެންނެވެ.

އަތޮޅުތަކުގެ ރަށްތަކުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން ޖަމްޢިއްޔަތުއްސަލަފުން ކުރިއަށްގެންދާ "ހަފްތާ ބަންދު ދަރުސް" ޕްރޮގްރާމުގައި ދަރުސްތަކާއި، ތަރުބަވީ ވޯކްޝޮޕްތަކާއި، ކޭމްޕުތަކާއި ފޯރަމްތަކުގެ އިތުރުން އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ތަފާތު ޙަރަކާތްތައް އިންތިޒާމްކުރުމުގެ ފުރުޞަތު އެ ރަށްރަށަށް ލިބިގެންދާކަމަށް ޖަމްޢިއްޔަތުއްސަލަފުން މަޢުލޫމާތު ދެއްވައެވެ.